ލ. ހިތަދޫ-ކުނަހަންދޫ ކޯޒްވޭ 2028 ގެ މެދުތެރޭގައި ނިންމާލެވޭނެ: ވަޒީރު ޑރ. މުއްތަލިބް

ލ. ހިތަދޫ އާއި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އާންމުންނަށް ބޭނުންކުރެވޭވަރު ވާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ލ. މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޝްރޫޢުގެ ތާރީޚާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުމްލަ 81.22 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުރީގެ ސަރުކާރުން އެމްޓީސީސީއާއެކު 22 ޖެނުއަރީ 2023 ގައި ސޮއިކޮށް، އެ އަހަރުގެ ސެޕްޓެމްބަރު މަހު މޮބިލައިޒްކުރި ކަމަށް ލިޔެކިޔުންތަކުން ދެއްކި ނަމަވެސް، އޭރު ފެށި ސާވޭތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ފުރިހަމަކޮށް، މަޝްރޫޢުގެ ހަގީގީ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 20 އޮކްޓޯބަރު 2025 ގައެވެ.

މި މަސައްކަތް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް، މަސައްކަތް ކުރިއަށްދަނީ ސަރުކާރުން އެދޭ ބާރުމިނުގައި ނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ކޯޒްވޭ މަޝްރޫޢަކީ ހިތަދޫ އާއި ކުނަހަންދޫގެ އިތުރުން، މި ދެ ރަށުގެ މެދުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ލ. މެންދޫ ވެސް ގުޅާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢެކެވެ.

މަޝްރޫޢުގެ ދަށުން ކުނަހަންދޫ އާއި މެންދޫއާ ދެމެދު 210 މީޓަރުގެ ކޯޒްވޭއެއް، އަދި މެންދޫ އާއި ހިތަދޫއާ ދެމެދު 75 މީޓަރުގެ ކޯޒްވޭއެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގަކާއި، 7.80 މީޓަރުގެ ފުޅާ ދުއްވާ ސަރަހައްދެއް ހިމެނޭއިރު، ރާޅުތަކާއި އޮއިވަރުން މަގު ހިމާޔަތްކުރުމަށްޓަކައި 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ބްރިޖުގެ ސްޓްރަކްޗާއަށް ބޭނުންވާ އެލް-ބްލޮކްތައް ބަލްކްކޮށް ކާސްޓްކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ކުރަމުންދާއިރު، މި މަޝްރޫޢު ނިމުމުން މި ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަގުން ކުރަންޖެހޭ ނުރައްކާތެރި ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ. އަދި މެދުގައި އޮތް މެންދޫގައި އިގްތިސާދީ އަދި ދަނޑުވެރިކަމުގެ އާ ފުރުސަތުތަކެއް ހުޅުވި، ދެ ރަށުގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް