ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އަނިޔާވެރިވިޔަސް، އެމަނިކުފާނު ޖަލަށްލައިގެން ގެންގުޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީއެންއެފް (ޕީޕަލްސް ނޭޝަނަލް ފްރަންޓް) އިން ބޭއްވި ސިލްސިލާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށްލައިގެން އުޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށެވެ.
ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، ރައީސް ޞާލިޙް އެމަނިކުފާނު ޖަލަށްލީ ދެވަނަ ދައުރެއް ލިބޭނެ ކަމަށް ކަހީނަކު ބުނުމުންނެވެ. މިހާރުގެ ސަރުކާރުގެ ތެރޭގައިވެސް ރައީސް މުއިއްޒާ ދެކޮޅު އަދި ހިތްހަމަނުޖެހޭ ބޭފުޅުން ތިއްބެވި ނަމަވެސް، އެމަނިކުފާނު ޖަލަށްލައިގެން ކަންކަން ދެކޮޅު ނުޖެއްސޭނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރިވިޔަސް، އެވަރު ކަމެއް ކޮށްފާނެ ކަމަކަށް،" ރައީސް ޔާމީން
މީގެ ކުރިން ރައީސް ޔާމީން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ގޮތް ހެދުމަށްޓަކައި، ޕީޕީއެމް ތެރެއިން ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމުގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.
ރައީސް ޔާމީން މި މޭރުމުން ވާހަކަދެއްކެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނިންމާފައިވަނިކޮށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މި ހެކިތައް ހުށަހެޅީ ދަށު ކޯޓުގައި ދިފާއީ ހެކިން ދޮގު ހެކިބަސް ދީފައިވާކަން ސާބިތުކުރުމަށެވެ.
-
25 ޑިސެމްބަރު 2022: ދަށު ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
-
2023 ގެ ފަހުކޮޅު: ހައިކޯޓުން ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އެންގިއެވެ.
-
ނަތީޖާ: މި މައްސަލައިގެ ގާނޫނީ މަރުހަލާތައް ހިނގި ގޮތުން ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވިއެވެ.
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަން ފިޔަވަޅުތައް އަޅަމުންދާއިރު، 2024 ވަނަ އަހަރު ކަރެކްޝަންސްގެ 18 މުވައްޒަފަކު ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ބައިވެރިވެ، އެމީހުންގެ އެކައުންޓުތަކުން ޖުމްލަ 73 މިލިއަން ރުފިޔާ ފެނުނު މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކޮށް ދައުވާ އުފުލާފައެވެ.




