ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްޓީސީސީއިން ބުނީ، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ މަގުތަކުގައި ޔޫޕީވީސީ ހޮޅި ވަޅުލުމުގެ މަސައްކަތްތަކާއި މަގުގެ ދެފަރާތުގައި ޖަހާ ކާބްސްޓޯން ކާސްޓްކުރުމުގެ މަސައްކަތްތައް ކަމަށެވެ. މިއީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކުރާ ކޭބަލް ނެޓްވޯކްތަކާއި ކާނުތަކަށް ބޭނުންވާ މުހިންމު ދެ މަސައްކަތެކެވެ.
ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ ބާކީ ހުރި ބޮޑެތި މަގުތަކުގައި ތާރުއަޅައި، މަގުބައްތި ހަރުކުރުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން ހޯރަފުށީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް އައިސް، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.




