ޕީއެންސީގެ ވޯޓު ގުނި ތަނަށް ވަދެ ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް، ހުޅުމާލޭގެ ސްކޫލަކަށް ވަދެ މާރާމާރީ ހިންގައި މުދަލަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަމުން ދަނިކޮށް، ރޭ 9:15 ހާއިރު ގްރޫޕަކުން ވަނީ އެ ތަނަށް ވަދެފައެވެ. އެ ގްރޫޕުން ސްކޫލުގެ އެތެރެއަށް ވަދެ ވޯޓުލާ ސަރަހައްދުގައި ހުރި މޭޒާއި ގޮނޑި ފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ދެ މީހަކު ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި ހާދިސާގެ އިތުރު ތަފްސީލް ހޯދުމަށާއި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް