ޔޫކޭގެ އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ 2024 ޖޫން 29 އިން ޖުލައި 10 އަށް އިނގިރޭސިވިލާތުގައެވެ.

މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް