ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ދަންނަވައިފި

ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.

އެމަނިކުފާނު އަވަހަރާވިއިރު، އުމުރުފުޅަކީ 74 އަހަރެވެ.

ގަތަރުގެ އެންމެ އިސްވެރިޔާ އަމީރުގެ ރަސްމީ އޮފީސް، އަމީރީ ދިވާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހަރާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ދަންނަވައި "އެކްސް"ގައި ކުރި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގަތަރުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު ދައުރެއް އަދާކުރި ހަމަދު ބިން ޚަލީފާ އަލް ސާނީ އަވަހާރަވުމުން ހިތާމަ ކުރާ ކަމަށެވެ.

ޝެއިޚް ހަމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ ދަރިކަލުން ގަތަރުގެ އަމީރު، ޝައިކް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި ޝާހީ އާއިލާއާއި އެގައުމުގެ ސަރުކާރުގެ އިތުރުން ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.

"އަލްމަރުހޫމް ޝައިޚް ހަމަދު ބިން ހަލީފާ އަލް ސާނީއަށް ޖަންނަތުލް ފިރުދައުސްގެ އެންމެ މަތީ ދަރަޖަ ދެއްވައި، ރަހުމަތް ލައްވާށީ" ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވިއެވެ.

މިއަދު އަވަހާރަވި ޝެއިޚް ހަމަދަކީ ގަތަރުގައި 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަރަހަށް ވެރިކަން ކުރެއްވި، އެގައުމު ޒަމާނީ ފެންވަރަށް ބިނާ ކުރުމުގެ އެންމެ އިސް ދައުރެއް އަދާ ކުރި މޭސްތިރިޔާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް