ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރުތައް މާދަމާ ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޭ330 ވައިޑް-ބޮޑީ މަތިންދާބޯޓުގައި ކުރާ މި ތާރީޚީ ދަތުރަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
އައްޑޫ ފަދަ އާބާދީ ބޮޑު ސަރަހައްދަކުން ސީދާ ޢުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، މާލެއަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. މީގެ ސަބަބުން ވަގުތާއި ޚަރަދަށް ބަލާއިރު އާއިލާތަކަށް އިޤްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މި މުހިންމު މަސައްކަތް ޙަޤީޤަތަކަށް ހެއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅާއި ދެއްވި ލަފާފުޅަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ޤައުމީ އެއަރލައިނުން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. އެ ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ އުމްރާވެރިން ބައިވެރިވިއެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ތުއްތު ކުދިންނާއެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު މިހާރު އިތުރުވަމުންދާއިރު، ސަރުކާރުން ދަނީ ހައްޖާއި އުމްރާވެރިންނަށް ލުއިފަސޭހަ ކުރުމަށްޓަކައި އައު ޚިދުމަތްތައް ތައާރަފްކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



