މާލީގޮތުން ތަނަވަސްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އިންޑިއާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުވައިލުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި، ޒަކާތު ހައުސް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަރުވާއަށް ޝަރުތު ހަމަވާ ކުދިންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2.5 މިލިއަން ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ވަނީ އެންސްޕާއަށް ޖަމާކޮށްފައެވެ. މި އެހީއަކީ 21 ފެބްރުއަރީ 2024 ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. ދައުލަތުގެ ޒަކާތު ފަންޑުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންވެސް މިފަދަ ބޮޑެތި ބަލިތަކަށް މާލީ އެހީތެރިކަން ދެމުންނެވެ.
މިއަހަރުގެ ތެރޭގައި މި ފަރުވާ ހޯދުމަށް ޖުމުލަ 10 ކުއްޖަކަށް ހުއްދަ ލިބިފައިވެއެވެ. ފުރަތަމަ ބުރުގައި ފުރާ ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން ފުރުވުމަށް ބޭނުންވާ އިދާރީ އެންމެހާ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން ދާއިމީކޮށް ލޭ އެޅުން ހުއްޓުވައިދޭން މިވަގުތު އޮތް ހަމައެކަނި ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ސަލާމަތްވުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.




