ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އަލަށް ތައާރަފްކުރާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ރީތި ފުރުސަތެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. "ފެސްޓިވަލެއްގެ" ސިފައިގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތް އޮންނާނީ މިއަހަރުގެ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައެވެ. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭނެ ގޮތް ހެދުމެވެ.
މި މުބާރާތުގެ ކުޅުން ފެށިގެންދާނީ ކޮލިފިކޭޝަން ސްޓޭޖަކުންނެވެ. ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ މި ބުރުގައި، 6 ނުވަތަ 7 ޓީމު ހިމެނޭހެން ޖުމްލަ 32 ގްރޫޕް އޮންނާނެއެވެ. މި ބުރުގައި ކޮންމެ ޓީމަކަށްވެސް 5 ނުވަތަ 6 މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އޭގެފަހުން ގާތްގަނޑަކަށް 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ރަސްމީ މުބާރާތުގައި ވާދަކުރާނީ 32 ޓީމެވެ. މި ޓީމުތައް ބަހާލެވޭނީ ޖުމްލަ 7 ޑިވިޝަނަކަށެވެ. އެއީ ރޭންކްކުރެވޭ 6 ޑިވިޝަނަކާއި، ބާކީ ހުރި ޓީމުތައް ހިމެނޭ ވަކި ޑިވިޝަނެކެވެ. މުބާރާތުގެ މި ރަސްމީ ބުރުގައި ކޮންމެ ޓީމަކުންވެސް މަދުވެގެން 5 މެޗު ކުޅެންޖެހޭނެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ޓީމުތައް އެކުލަވާލުމުގައި ކޮންމެ ގައުމަކުންވެސް ރަޖިސްޓްރީ ކުރަންޖެހެނީ 2 ގޯލްކީޕަރުންނާއެކު ޖުމްލަ 14 ކުޅުންތެރިންނާއި 6 އޮފިޝަލުންނެވެ.
ފީފާއިން ނިންމާފައިވަނީ މި މުބާރާތް ދެ ޖިންސަށް ވަކިން ބޭއްވުމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތް ފިރިހެން ކުދިންނަށް ޚާއްސަކޮށްފައިވާއިރު، އަންހެން ކުދިންގެ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ. އަދި 2028 ވަނަ އަހަރުން ފެށިގެން ދެ ޖިންސުގެ މުބާރާތްވެސް އެއް އަހަރެއްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ ހުރިހާ ގައުމަކަށް ހުޅުވާލުމުގެ ބަދަލުގައި ދައުވަތުދޭ އުސޫލުންނެވެ.
މި އަހަރުގެ މުބާރާތް ބާއްވާ އަޒަރުބައިޖާނަކީ އަންނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމަށްވާތީ، އެގައުމުގެ ވަސީލަތްތައް މިހާރުވެސް ހުރީ ފީފާގެ ފެންވަރަށް ތައްޔާރުވެފައެވެ. ފީފާއިން މުބާރާތް ބޭއްވުމުގެ ފުރުސަތު ދެނީވެސް މިފަދަ ވަސީލަތްތައް ހުރި ގައުމުތަކަށެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން މި މުބާރާތުގައި ބައިވެރިނުވެވޭނެ ހަމައެކަނި ގައުމަކީ ނޭޕާލެވެ. ރާއްޖެއާއެކު ސަރަހައްދުގެ އެހެން ހުރިހާ ގައުމަކުން މި މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވެއެވެ.



