ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، އިންޑިއާގައި ދެ އަހަރު ދުވަހު އަރުވާލެވިގެން ހުންނެވުމަށްފަހު، އަންނަ ޑިސެމްބަރު މަހު އެނބުރި ޤައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޢުމުރުން 78 އަހަރުގެ ހަސީނާ ވިދާޅުވީ، އޭނާގެ މައްޗަށް ބަންގްލަދޭޝްގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، ޤައުމަށް އެނބުރި ވަޑައިގަންނަވާނީ އޭނާގެ އަވާމީ ލީގު ޕާޓީގެ އިސްވެރިންނާ އެކުގައި ކަމަށެވެ. އަދި އެ ޕާޓީ ބޭންކުރަން ނިންމި ނިންމުމާ ދެކޮޅަށް ކޯޓުގައި ގާނޫނީ ގޮތުން ވަކާލާތު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަހަރެން އެނބުރި ދިއުމުން ހައްޔަރުކޮށްފާނެ، ނުވަތަ މަރާވެސް ލާފާނެ. އެކަމަކުވެސް އަހަރެން ދާންޖެހޭ. މަރު އަންނަންޏާ ބޭނުމީ އަމިއްލަ ފަސްގަނޑުގައި މަރުވާން،" އިންޑިއާގެ ވެރިރަށް ނިއުދެލީގައި ހުންނަވައި ހަސީނާ ވިދާޅުވިއެވެ.
ހަސީނާ ވިދާޅުވި ގޮތުގައި މި ދަތުރަކީ އޭނާގެ ޕާޓީއާ ދެކޮޅަށް ހިންގާ ބާތިލު ޝަރީޢަތްތަކާ ކުރިމަތިލުމަށް ރޭވިގެން ހިންގާ ބޮޑު ހަރަކާތެކެވެ. އެގޮތުން އޭނާގެ ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އަސާދުއްޒަމާން ޚާން ކަމާލް ފަދަ މަރުގެ ހުކުމް އައިސްފައިވާ އިސް ބޭފުޅުންނަށް ވެސް ޤައުމަށް އެނބުރި ވަޑައިގަތުމަށް ހަސީނާ ވަނީ ގޮވާލައްވާފައެވެ. އަދި އެންމެން އެކުގައި ކޯޓަށް ހާޒިރުވެ އަމާންދޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ހޯމް މިނިސްޓަރު ޞަލާޙުއްދީން އަޙްމަދު ވިދާޅުވީ، ބޮޑެތި ލޭއޮހޮރުވުންތަކާއި ގަތުލުއާންމު ހިންގުމަށްފަހު ވެސް ހަސީނާގެ ހިތުގައި އެއްވެސް ދެރަވުމެއް ނެތް ކަމަށާއި، އަވާމީ ލީގު ސިޔާސީ ގޮތުން ދުނިޔެއިން ނެތިގޮސް ދެލީގައި ވަޅުލެވިފައިވާ ކަމަށެވެ.

(ފޮޓޯ: މުޙައްމަދު ޕޮނީރު ޙުސައިން / ރޮއިޓާސް)
ހަސީނާގެ 20 އަހަރުވީ ވެރިކަމުގައި ބަންގްލަދޭޝްގެ އިޤްތިޞާދު ކުރިއަރުވައި ފަގީރުކަން ނައްތާލި ނަމަވެސް، އޭނާގެ ވެރިކަން ނިމުނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ކްރެކްޑައުންއަކަށް ފަހު، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ހިންގި ބޮޑު އިންގިލާބެއްގައެވެ. މިހާރު އިންޑިއާގައި ހުންނަވައިގެން 100 އަށްވުރެ ގިނަ ދާއިރާގެ އޮންލައިން ބައްދަލުވުންތައް ބާއްވައި ޕާޓީ އަލުން އިންތިޒާމު ކުރައްވަމުން ގެންދަވާ ހަސީނާ ވަނީ، އަވާމީ ލީގު ސަސްޕެންޑް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަން ރައްޔިތުންނަށް ދޫކޮށްލަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ހަސީނާ އިންޑިއާގައި ހުރުމަކީ ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ކަމެކެވެ. ބަންގްލަދޭޝްގެ އާ ސަރުކާރުން އޭނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެދެމުންދާތީ، އިންޑިއާ އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑު ދަތި ދަނޑިވަޅެއްގައެވެ. އެހެންކަމުން، ހަސީނާ އަމިއްލައަށް އެނބުރި ޤައުމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް ނުތަނަވަސްކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




