ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި އަށަގެންފައިވާ ޓިއުޝަންގެ ސަޤާފަތަށް ބަރޯސާވުން ހުއްޓާލައި، ދަރިވަރުން އަމިއްލަ އުނގެނުމަށް ޒިންމާދާރުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ "މަތީ އަރުތަވެރީންގެ ހަފުލާ 2025" ގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުން ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްދާއިރު، މިއަދު 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ދަރިވަރުން ސްކޫލުގައި 6 ގަޑިއިރު ހޭދަކުރުމަށްފަހު، އަނެއްކާވެސް އިތުރު 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަންގައި ހޭދަކުރަންޖެހުމަކީ ބެލެނިވެރިންނާއި ދަރިވަރުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. މަދަރުސާއިން ބޭރުން އެހީތެރިކަން ބޭނުންވި ނަމަވެސް، އެކަން ކުރަންވާނީ ސްކޫލުން ދޭ ފިލާވަޅުތަކަށް އޮންނަ ސަމާލުކަން ނުގެއްލޭނެ ގޮތެއްގެ މަތިން ކަމަށާއި، ކްލާސްރޫމްގައި ކިޔަވައިދޭ ވަގުތު ސަމާލުކަންދޭން ކުދިންނަށް ވިސްނައިދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަމިއްލައަށް ޒިންމާ ނަގައިގެން ކިޔަވާ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު %75 އިތުރުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ކަންބޮޑުވުން ފާޅުކުރެއްވީ ޓިއުޝަނަށް މާގިނަ ވަގުތު ދިނުމުގެ ސަބަބުން ކުދިންގެ ދުޅަހެޔޮކަމަށް އަސަރުކޮށް، ކުޅިވަރާއި ހިތްއުފާކޮށްލުމަށް ލިބޭ ހުސްވަގުތު ގެއްލޭތީއެވެ. އަދި މުޅިން އެހެން ބަޔަކަށް ބަރޯސާވެގެން "ސްޕޫން ފީޑް" ކުރާނަމަ، ކުދިންގެ ސިކުނޑީގައި ޢިލްމު ހަރުލާ މިންވަރު ދަށްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މުދައްރިސުންނަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، ކްލާސްރޫމް ތެރޭގައި ދެވޭ ތަޢުލީމަކީ ދަރިވަރުންނަށް ފުދޭވަރުގެ ފެންވަރު ރަނގަޅު އުނގަންނައިދިނުމަކަށް ހަދަންޖެހޭ ކަމަށެވެ.

މި ބަދަލު ނުގެނެސްފިނަމަ ޓިއުޝަން ސަޤާފަތް ވަރުގަދަވެ، ކިޔަވައިދިނުމުގެ ރަސްމީ ނިޒާމު ބަލިކަށިވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، މިނިސްޓަރު ވަނީ ސްކޫލްތަކާއި، މުދައްރިސުން އަދި ބެލެނިވެރިން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.



