ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ބޮޑު އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކުން ނަމޫނާ ނަގަންޖެހޭ ފަދަ ހަރުދަނާ އިންތިޚާބެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބާއި ގުޅޭގޮތުން "އެމްއެމްޓީވީ" އިން ގެނެސްދެމުންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެހެން ޕާޓީތަކުން ވެސް އެ ބޭފުޅުންގެ ޕާޓީގެ އެތެރޭގެ ކަންކަން ދިރުވައި، މިފަދަ ހަރުދަނާ އިންތިޚާބުތައް ބާއްވަންޖެހޭ ކަމަށެވެ.
މިއަދު ކުރިއަށްދާ މި އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުން ހޮވުމުގެ އިތުރުން، މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް ދާއިރާ ރައީސުން އަދި މެންބަރުން ތިއްބެވި ދާއިރާތަކަށް ދާއިރާގެ ނައިބުރައީސުން ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާ އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބުކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އެގޮތުން ޖުމްލަ 2،086 މަގާމަށް މީހުން ހޮވާއިރު، 2،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި، ރާއްޖޭގެ 131 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ވަރަށް ވާދަވެރިކޮށް ވޯޓުލުން ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މިފަދަ ބިޔަ އިންތިޚާބެއްގެ ތައްޔާރީތަކަށް ހޭދަވީ އެންމެ މަހެއްހާ ދުވަސް ނަމަވެސް، ވޯޓުލުމުގެ ކަންކަން އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އޮމާންކޮށް ކުރިއަށްދާކަމަށް ޗެއާޕާސަން ވިދާޅުވިއެވެ. ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްސަ ކޮމިޓީގެ ބެލުމުގެ ދަށުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ ދާއިރާގެ ދިގު ތަޖުރިބާ ހުރި ޢަބްދުއްރަޙީމް ވިދާޅުވީ، ވެރިކަމުގައި އޮވެގެން މީގެކުރިން އެއްވެސް ޕާޓީއަކަށް މިފަދަ ވާދަވެރި ބޮޑު އިންތިޚާބެއް ބާއްވަން ކެރިފައިނެތް ކަމަށެވެ. އަދި މިހާ ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލުމުން ހާމަވަނީ ޕާޓީގެ ސިޔާސަތުތަކަށާއި، ސަރުކާރަށާއި، ޕާޓީގެ ރައީސް ޑރ. މުޢިއްޒަށް އޮތް ބޮޑު އިތުބާރެވެ. މި އިތުބާރު ދެމިއޮތް މައިގަނޑު ސަބަބަކީ ޕާޓީ ހިންގުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްސަ އިސްކަމެވެ.
ޢަބްދުއްރަޙީމް ނިންމާލައްވަމުން ވިދާޅުވީ، އުންމީދަކީ އެއްވެސް ހަމަނުޖެހުމެއް ނެތި މި އިންތިޚާބު ނިމިގެންދިއުން ކަމަށާއި، މިއާއެކު ޕީއެންސީގެ ހިންގުން ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެ، ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.



