ކުރީގެ ރައީސް ނަޝީދު . - ފޮޓޯ: އެމްޑީޕީ

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ނުވާނެހެން ދަމަހައްޓަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ވިލިމާލޭގެ ރައްޔިތަކު ދެއްކި ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދިފައިވާ ބަހުސަށް ވަދެވަޑައިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރޭގެ ޖަލްސާގައި ވާހަކަދެއްކި ރައްޔިތަކު ބުނެފައިވަނީ ވިލިމާލޭގައި އުޅޭ ގިނަ މީހުން ބޭނުންވަނީ ގަސްތައް ކަނޑާފައި ފްލެޓް އަޅަން ކަމަށާއި، މިވީހާތަނަށް އެއްވެސް ސަރުކާރަކުން އެ ރަށު ރައްޔިތުންނަށް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މި ސަރުކާރުން ވަނީ ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދަންވެސް ވަނީ ނިންމާފައެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސް ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، ހޮސްޕިޓަލް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ 50 އަށްވުރެ ގިނަ ގަސް ހުރި ސަރަހައްދެކެވެ. މިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން، ގަސްތައް ކަނޑަންޖެހޭތީ ވިލިމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓް ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ފަހުން ނިންމާފައެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް މިފަހުން ހުށަހެޅުނެވެ.

ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކުރުމަށް އެދި ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމް ހުށަހެޅި މި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް