ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް ބިނާކުރުމަށް ހިންގާ ބޮޑު މަޝްރޫޢުގެ ޖުމްލަ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި، މި މަޝްރޫޢުގެ ދަށުން އެކި ރަށްރަށުގައި އިމާރާތްކުރަމުންދާ އޮފީސްތަކުގެ މަސައްކަތްތައް މިހާރު ދަނީ ތަފާތު އެކި މަރުހަލާތަކުގައި ބާރުމިނުގައި ކުރިއަށެވެ.
ރަށްރަށުގައި ހުރި ބާވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 100 އަށްވުރެ ގިނަ ކައުންސިލް އިމާރާތް އަލަށް ބިނާކުރުމެވެ. މި ސިޔާސަތުގެ ދަށުން މިހާރު ކުރިއަށްދާ 55 ރަށުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، ބާކީ ހުރި 50 ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި 30 ނުވަތަ 40 އަހަރުވެފައިވާ ބައެއް ކައުންސިލް އިމާރާތްތައް ފެނިވަޑައިގެންނެވި ކަމަށާއި، އޭގެއިން ގިނަ ތަންތަން ހުރީ އެއްވެސް ވަރަކަށް މަރާމާތު ނުކުރެވި ވަރަށް ބޮޑަށް ބާވެފައެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މަޝްރޫޢު ނިމިގެންދާއިރު، ކައުންސިލް އިދާރާތައް އެޅުމުގެ އިތުރުން ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީސްތަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ވެސް އެއްކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެތައް ގުނައެއް އަވަސްވެ ފަސޭހަވެގެންދާނެއެވެ.



