ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ރަށު ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި މި ވޯޓުލުން ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

2,500 އަށްވުރެ ގިނަ މަގާމު

ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރަށްރަށުގައި ސިޔާސީ ހަރަކާތްތައް ފުޅާކުރުމުގެ މަގުސަދުގައި ބާއްވާ މި އިންތިހާބުގައި، ޖުމްލަ 130 ރަށެއްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އެކިއެކި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ. މިގޮތުން އެކި ދާއިރާތަކުން ޖުމްލަ 2،500 އަށްވުރެ ގިނަ މަގާމުތަކަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ފަތުހީ ވިދާޅުވި ގޮތުގައި، ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތަށް އޮމާންކަމާއެކު މިހާރު ދަނީ ކުރިއަށްދަމުންނެވެ.

އިންތިހާބު ކުރެވޭ މަގާމުތަކާއި ވޯޓުލުން

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ކޮންގްރެސް ޕާޓީގެ ރަސްމީ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް އެކަންޏެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މި މަހުގެ 6 ވަނަ ދުވަހު އާންމުކޮށްފައެވެ.

މިއަދުގެ އިންތިހާބުގައި ހޮވާނެ މަގާމުތައް:

  •  ދާއިރާގެ ރައީސުން (މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް)
  •  ދާއިރާގެ ނައިބު ރައީސުން
  •  އަންހެނުންގެ ހަރަކާތުގެ ރައީސުން
  •  ޒުވާނުންގެ ހަރަކާތުގެ ރައީސުން
  •  ސްޓިއަރިން ކޮމިޓީގެ މެންބަރުން

މަޖިލިސް މެންބަރުންނަކީ ދާއިރާގެ ރައީސުން:

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަކީ ސީދާ އެ މެންބަރުންނެވެ. އެހެންކަމުން މިއަދު ދާއިރާގެ ރައީސުން އިންތިހާބު ކުރާނީ މަޖިލިސް މެންބަރަކު ނެތް ދާއިރާތަކަށް އެކަންޏެވެ.

މިއީ ޕީއެންސީގެ ރަށު ފެންވަރާއި ދާއިރާ ފެންވަރުގެ ހިންގުން އައު ހިތްވަރަކާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބާއްވާ ވަރަށް މުހިންމު އިންތިހާބެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް