ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ އިތުރުން ސަލްމާން ރަސްގެފާނު މިސްކިތުގައި ހުންނަ އިސްލާމީ ކުތުބުޚާނާއަށް އެއް އަހަރު ފުރުުން ފާހަގަކުރުމުގެ ގޮތުން އެ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ބާއްވާ ޚާއްސަ ފެއަރ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.
އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ފެއަރ ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އުސާމް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. މި ފެއަރ ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ފޮތްކިޔުމަށް ލޯބިކުރާ ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމާއި، އިސްލާމީ ކުތުބުޚާނާގެ ބޭނުން ހިފާ މިންވަރު އިތުރުކުރުމަށް އާންމުންނަށް ހިތްވަރު ދިނުމެވެ.
ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެއަރ މިއަދު ހަވީރު 16:00 އިން 18:00 އަށް ސަލްމާން މިސްކިތުގެ ކުތުބުޚާނާ ސަރަޙައްދުގައި ކުރިއަށްދާނެއެވެ. ފެއަރގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، ހަދިޔާގެ އިތުރުން އުފެއްދުންތެރިކަމާއި އިލްމީ ފޮތްތައް ދައްކާލާ ސްޓޯލްތަކާއި، ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، ފެއަރގެ ތެރެއިން މިއަދު (11 ޖުލައި 2026، ހޮނިހިރު) ހަވީރު 17:00 ގައި ވަރަށް ޚާއްސަ އިލްމީ ސެޝަނެއް ކުރިއަށްދާނެއެވެ. "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް" މި މަޢުޟޫޢަށް މި ސެޝަން ނަންގަވައިދެއްވާނީ ދާއިރާގެ ފުންނާބުއުސް ބޭފުޅެއް ކަމަށްވާ ޑރ. ސަޢުދުﷲ ޢަލީއެވެ. އެހެންކަމުން ދިރާސާކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކުންނާއި ދިވެހި ދަރިވަރުން މި ސެޝަންގައި ބައިވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.



