ބޮޑުތަކުރުފާނުމަގައި ތާރުޅުން - ޕާކިންގ ޒޯން ހިމެނޭ ސަރަޙައްދުގައި ތާރުއަޅާ ނިންމައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، ޕާކިންގ ޒޯން ހިމެނޭ ސަރަޙައްދުގެ ދުއްވާ ބައިގައި އެއްކޮށް ތާރުއަޅައި ނިމިއްޖެއެވެ.

އެމްޓީސީސީއިން ބުނީ މަގުގެ ޕާކިންގ ޒޯން ހިމެނޭ ސަރަޙައްދުގެ ދުއްވާ ބައިގައި (ކަރިއޭޖްވޭ) މިހާރު އެއްކޮށް ތާރުއަޅައި ނިމިފައިވާ ކަމަށާއި، އަދި ސެގްމެންޓް 4 އާއި 5 އެއްގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ (ރޯޑް މާކިންގ) މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، ސެގްމެންޓް 2 އާއި 3 އެއްގެ ކާބްސްޓޯން ޖެހުމާއި ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އެ ސަރަޙައްދުގެ އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓްގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ ސެގްމެންޓް 2 އާއި 3 ގައި ބާކީ ހުރި ސަބް-ބޭސްގެ މަސައްކަތްތަކާއި، އޭބީސީ ލޭޔަރ އެޅުމުގެ އިތުރުން ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލައި، މަގުގެ ބޮޑު ބައެއް އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ.

ޖުމްލަ 144.5 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ފަޅު ފުންކޮށް، ބިން އިތުރުކޮށްގެން މަގު ފުޅާކުރުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ މި ސަރަޙައްދަކީ ވިޔަފާރި ބަނދަރާ ގާތްވުމުން މުދާ އުފުލާ ވެހިކަލްތައް ގިނަވުމުގެ ސަބަބުންނާއި، މަގު ހަނިވުމުގެ ސަބަބުން އަބަދުވެސް ބާރުބޮޑުވެ، ޓްރެފިކް ބްލޮކްވާ ސަރަޙައްދެކެވެ. ނަމަވެސް، މި މަޝްރޫޢު ނިމުމުން މި މަގު ހަތަރު ލޭނަށް ފުޅާވެ، ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުވެގެންދާނެއެވެ. މީގެއިތުރުން، މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 500 ސައިކަލުގެ ޖާގަ ހިމެނޭ ބޮޑު ޕާކިންގ ޒޯނަކާއި، ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޒަމާނީ ޕަމްޕިންގ ސްޓޭޝަނަކާއެކު ޑްރެއިނޭޖް (ފެން ހިންދާ) ނިޒާމެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ މި ސައިޓަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ސަރުކާރާއި އެމްޓީސީސީގެ އަމާޒަކީ މި މަހުގެ 26 (މިނިވަން ދުވަހުގެ) ކުރިން މަގުގެ ހުރހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، މާލޭގެ އުތުރުމަތީގެ ވިޔަފާރިވެރިންނަށާއި، ކޮމާޝަލް ހާބަރަށް މުދާ އުފުލާ ފަރާތްތަކުގެ އިތުރުން އާންމު ދަތުރުވެރިންނަށް ވެސް ޓްރެފިކްގެ އެއްވެސް ތޮއްޖެހުމެއް ނެތް، އަމާން އަދި ފަސޭހަ ދަތުރުފަތުރުގެ މާޙައުލެއް ތަނަވަސްވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް