އިންޑިއާއާއި ރާއްޖެއާއި ދެމެދު ކުރެވޭ މަޝްވަރާތަކާއެކު ދެޤައުމަށްވެސް ފައިދާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ދަތުރުފުޅުގައި ބޭއްވުނު ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އަދާހަމަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހޯދުމާއި، ޕްރައިވެޓް ސެކްޓަރގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ. މި ހުރިހާ ކަމެއްވެސް ބައްޓަންކުރެވިގެންދާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއެކު އިތުރަށް ކުރިއަރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ މިއެއްބަސްވުން އެކުލަވާލުމުގެ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތަކެވެ. މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.




