ޖޫން މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާ ކުރިވަރަށްވުރެ %14.7 އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމކުރި ގޮތުގައި، މިދިޔަ ޖޫން މަހު އެ އޮތޯރިޓީއަށް ޖުމްލަ 2.92 ބިލިޔަން ރުފިޔާ ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ %14.7 އިތުރު އަދަދެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ %10.1 ގެ ކުރިއެރުމެކެވެ. މި އާމްދަނީގެ ތެރޭގައި 118.60 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޖޫން 2025 އާ އަޅާބަލާއިރު ޖޫން 2026 ގައި ލިބުނު އާމްދަނީ އިތުރުވުމަށް ގިނަ ބަދަލުތަކެއް ވަނީ އެހީވެދީފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީތަކުން ލިބުނު މިންވަރު އިތުރުވުން މީރާއިން ފާހަގަކުރެއެވެ. މީގެއިތުރުން 2025 މެއި މަހާ އަޅާބަލާއިރު 2026 މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން %1.5 އިތުރުވުމަކީ ވެސް އާމްދަނީ މަތިވި ސަބަބެކެވެ. މިއީ އަންދާޒާ ކުރި މިންވަރަށްވުރެ %1.7 އިތުރު އަދަދެކެވެ.

ހަމައެއާއެކު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީއާއި، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އިތުރުން، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީތަކުން އެއްފަހަރާ ލިބުނު ފައިސާވެސް މީގެ ތެރޭގައި ހިމެނެއެވެ. ބޭންކް އިންކަމް ޓެކްސް އިތުރުވީ ސުންގަޑީގެ ކުރިން އެޑްވާންސްކޮށް ފައިސާ ދެއްކުމާއި، 2025 ގެ ޓެކްސް ސުންގަޑިއަށް ފައިސާ ދައްކާ ނިންމާފައިވުމުންނެވެ.

ޖޫން މަހުގެ އާމްދަނީގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކާއި އާމްދަނީން ނަގާ ޓެކްހެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި %37.2 ނުވަތަ 1.08 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އެންމެ ބޮޑު ހިއްސާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކްހުންނެވެ. އެއީ %27.4 ނުވަތަ 799 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިޔަން ރުފިޔާ، ގްރީން ޓެކްހުގެ ގޮތުގައި 157 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިޔަން ރުފިޔާ އަދި ޑިޕާރޗަރ ޓެކްހުގެ ގޮތުގައި 134 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ޖުމްލަ އާމްދަނީގެ %23.4 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާއެވެ. އަދި ޖުމްލަ އާމްދަނީގެ %14.3 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު އެކި މަސައްކަތްތަކުން މީރާއިން ޖުމްލަ 465 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

މީގެ ތެރެއިން ނޯޓިސް ފޮނުވައިގެން 286 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުން 72 މިލިޔަން ރުފިޔާ، ފޯނު ކޯލްތަކުގެ ޒަރިއްޔާއިން 26 މިލިޔަން ރުފިޔާ، ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 0.7 މިލިޔަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް