އަމީނީ މަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި އަމީނީމަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމަތު ކުރުމުގެ މަސައްކަތް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މަގުތައް މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން މިހާރު އަންނަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ ސަރަހައްދުގެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެވޭނެއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސެގްމަންޓް 11 އަދި 12 ގެ މުޅި މަސައްކަތް ނިންމައި ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު އަނެއްކާވެސް ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވިއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ތާރުގަނޑު ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު އެ ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އަދި ހަމައަކަށް ނޭޅެނީސް އުޅަނދުތަކަށް މަގު ހުޅުވާލުން ކަމަށް ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރެއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެއެވެ. މި މަގުގެ މަސައްކަތް އެ ފަހަރު މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.




