މާލެ ކައިރި ކަނޑުމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިމެނޭ ދޯނި، އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މެރިން ޕޮލިހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި ރޭ 09:10 ހާއިރެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނަށް ރިޕޯޓުލިބުނީ ރޭ 21:16 އެހާކަންހާއިރުއެވެ. އެއީ އެކްސިޑެންޓްވި "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗު މާލޭގެ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރުމުންނެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން އެނގޭ ގޮތުގައި، އެލްޖީއެން 101 ގެ ނަމުން ރަޖިސްޓްރީކޮށްފައިވާ މި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ލޯންޗުގެ އެއް ފަޅި ވަރަށް ބޮޑަށް ހަލާކުވެ، އޭގެ އެތެރޭގެ ސީޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދިނުމަށް ޖުމުލަ ފަސް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
އެކްސިޑެންޓްވުމަށްފަހު އަނެއް ކަނޑުއުޅަނދު (ދޯނި) މަޑުނުކޮށް ފިލާފައިވާތީ، އެ އުޅަނދު ދެނެގަތުމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ މުރާޖައާކޮށް އިތުރަށް ތަހުގީގު ކުރަމުންނެވެ.




