ކީރިތި ޤުރްއާނަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތް ކަމަށާއި، އިންސާނާގެ ދެދުނިޔޭގެ އެންމެހައި ކާމިޔާބީއެއް ގުޅިފައިވަނީ މި މާތް ފޮތާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
"ކީރިތި ޤުރްއާނުގެ މަތިވެރިކަމާއި އޭގެ ބަރަކާތް" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ޤުރްއާނަކީ މުއުމިނުންގެ ހިތްތަކުގެ ބަހާރުކަމުގައްޔާއި، ލޯތަކުގެ ނޫރުކަމުގައްޔާއި، އަދި ހިތާމަތަކާއި ތަކުލީފުތަކުން ސަލާމަތްވުމަށް އޮތް ފަރުވާއެއް ނުވަތަ ޝިފާއެއްގެ ގޮތުގައި ލައްވާފައިވާ ފޮތެކެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މި މާތް ފޮތް ކިޔަވައި، އޭގެ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރުމަކީ އިންސާނާގެ ނަފްސަށާއި ހަށިގަނޑަށް ނުހަނު ބޮޑު ދިރުމަކާއި ބާރެއް ލިބިގެންދާ ކަމެކެވެ. އިމާމް އިބުނުލް ޤައްޔިމް ރަޙިމަހުއްﷲ ބަޔާންކުރައްވާފައިވާ ބަސްފުޅަކަށް ރިއާޔަތްކޮށް ޚުޠުބާގައި ބުނެފައިވަނީ، އިންސާނާގެ ހިތުގެ ބާރުގަދަވީ ވަރަކަށް، އޭނާގެ ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވެގެންދާ ކަމަށެވެ۔
މީގެ އިތުރުން، ޤުރްއާން ތިލާވަތުކޮށް، އެކަލާނގެ ފޮތާ މެދު ތަދައްބުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގަންނަވައެވެ. އަދި އެބައިމީހުންނަށް ޓަކައި ހެޔޮ ދުޢާކުރައްވައި، މާތް ﷲގެ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެބަޔަކަށް ދެއްވާނެކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ކީރިތި ޤުރްއާން ކިޔެވުމަކީ ދުވަހަކުވެސް ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި މަތިވެރި ވިޔަފާރިއެއް ކަމަށެވެ. މި ފޮތުން ކިޔާ ކޮންމެ އަކުރަކަށްމެ ދިހަ ސަވާބު ދެއްވާއިރު، ކިޔެވުމުގައި ދަތިކަމާއި އުނދަގޫތަކާ ކުރިމަތިލާންޖެހޭ މީހާއަށް ދެގުނަ ދަރުމަ ލިބިގެންވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
"މުސްލިމް އަޚުންނާއި އުޚުތުންގެ މައްޗަށް އޮތީ މި މުޤައްދަސް ފޮތުގައި ފުރިހަމައަށް ހިފަހައްޓައި، އޭގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ދިރިއުޅުމުގެ އެންމެހައި ކަމެއްގައި ޤުރްއާނުގެ ހިދާޔަތުން އަލިކަން ހޯދުމެވެ. ފަހެ، ހުރިހައި ހެޔޮކަމެއް ވަނީ އެ ފޮތް މަތިވެރިކުރުމުގައެވެ."
ޚުޠުބާ ނިންމާލަމުން، ހުރިހާ މުސްލިމުންވެސް ކީރިތި ޤުރްއާނަށް ދޭ ސަމާލުކަން އިތުރުކޮށް، ދިރިއުޅުމުގެ އަސާސަކީ ޤުރްއާން ކަމުގައި ހެދުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.



