ކުޑަކުދިން ހެދިބޮޑުވުމުގެ ދާއިރާގެ ފުރަތަމަ ދިވެހި ޑރ. ފަޒުނާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ސްޕެޝަލައިޒްވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތަޢުޒިއްޔާ ވިދާޅުވެފައިވަނީ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. ގައްދޫ ކަށިކެޔޮމާގެ، އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޑރ. ފަޒުނާ ވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ސިއްހީ ދާއިރާއިން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރައްވާފައެވެ.

އޭނާ މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ޚާއްޞަކޮށް އޯޓިޒަމްއާއި، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ހަދަންޖެހޭ އެސެސްމެންޓްތައް ހެއްދެވުމުގައި ޑރ. ފަޒްނާ ވަނީ ނުހަނު މުހިންމު އަދި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ ނިޔާވުމުގެ ހިތާމައިގައި ޞިއްޙީ ދާއިރާގެ ގިނަ ބަޔަކާއި އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާތަކުން ދަނީ ހިތާމަ ފާޅުކޮށް ތަޢުޒިޔާ ކިޔަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަސްޕެޝަލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓުވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް