ވަކިވަކި މީހުންނަށް ފައިދާވާނެހެން، ގުޅުން ހުރި ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލަށް ކޯޓޭޝަން ހޯދާފައިވާއިރު، އެ ކައުންސިލަށް ލިބުނު އާމްދަނީގެ ތަފްސީލު ވެސް ދިމާނުވާ ކަމަށް 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް އޮފީހުން އިއްޔެ ނެރެފައިވަނީ މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެއް މަސައްކަތެއްގެ ގޮތުގައި ކުރެވެން ހުރި ކަންކަން ވަނީ ވަކިވަކި މަސައްކަތްތަކެއްގެ ގޮތުގައި ބައިބައިކޮށްގެން ކޮށްފައެވެ. އެގޮތުން ސާމްޕަލްގެ ގޮތުގައި ނެގި 35,000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓް ވައުޗަރުގެ ޖުމްލަ އަގު 1.3 މިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 23 ވައުޗާއަކަށް ކޯޓޭޝަން ހޯދާފައިވަނީ ބައިބައިކޮށްގެންނެވެ. އެ ވައުޗާތަކުގެ ޖުމްލަ އަގަކީ 656,162 ރުފިޔާއެވެ.
މީގެ އިތުރުން، އެ ސާމްޕަލްތަކުގެ ތެރެއިން 27 ވައުޗާއެއްގެ ކޯޓޭޝަން ހޯދާފައިވަނީ ގުޅުންހުރި ވިޔަފާރިތަކުންނެވެ. އެއީ އެއް ކުންފުންޏެއްގެ ދެ ފިހާރައިން ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތަކުންނެވެ. މި 27 ކޯޓޭޝަނަށް ޖުމްލަ 732,043 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަގު ހެދުމަށް ދޫކުރާ ބޯޑު ޚިދުމަތަށް ރޯޑް ސެކްޝަނުން އެކުލަވާލާފައިވާ ދުވަހު ފޮތުގައިވާ އާމްދަނީގެ ތަފްސީލާއި، އެ އަހަރުގެ އަހަރީ ރިޕޯޓުގައިވާ އާމްދަނީގެ ތަފްސީލާ ވެސް ދިމައެއް ނުވެއެވެ. މީގެ އިތުރުން ވެސް މާލީ އަދި އިދާރީ ގިނަ މައްސަލަތަކެއް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލުގެ ހަރުމުދާ ހަމައަށް ހުރިތޯ ކަށަވަރުކޮށްފައި ނުވާއިރު، އެ އަހަރު ޑިޕާޓްމަންޓަށް ލިބިފައިވާ އާމްދަނީގެ ރިޕޯޓުތައް ދުވަހުން ދުވަހަށް ތައްޔާރުކޮށްފައެއް ނުވެއެވެ. އަދި އެ އަހަރު ހަދާފައިވާ ރަޖިސްޓްރީތަކާއި ރަހުނާ ގުޅޭ ލިޔެކިޔުންތައް ފެންނާން ނެތްއިރު، ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ދަފްތަރު ބަލަހައްޓާފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫނެވެ.
އޮޑިޓުގައި އިތުރަށް ބުނެފައިވަނީ 2020 ވަނަ އަހަރުގެ ބަޖެޓް ކޮންޓްރޯލްގެ މައުލޫމާތު ލިބިފައި ނުވާތީ، ބަޖެޓުން ހަރަދުކޮށްފައިވަނީ ފާސްކުރި ބަޖެޓާ އެއްގޮތަށްކަން އަދި ބަޖެޓް ކޮންޓްރޯލް ހަދާފައިވަނީ އުސޫލާ އެއްގޮތަށްކަން އެނގެން ނެތް ކަމަށެވެ. އޮޑިޓް އޮފީހުން ވަނީ މި ހުރިހާ ކަމެއް އިސްލާހުކުރާނެ ގޮތުގެ ލަފާ ކައުންސިލަށް ދީފައެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައިވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން އޭރުގެ އަޑިޕާކު ނުވަތަ މިހާރުގެ ލޮނުޒިޔާރަތް ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާތީ، ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. ނަމަވެސް، ފަހުން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.




