މުއާޒް މުހައްމަދު ރަޝީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފިއެވެ.  އެނގިފައިވާ ގޮތުގައި މުއާޒް އެމްޑަބްލިއުއެސްސީގެ ބޯޑަށް އައްޔަންކުރުމަށް އެ ކުންފުނިން މިހާރު ވަނީ ފާސްކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުއާޒް އެ މަގާމުން އިސްތިއުފާދެއްވީ 23 ޑިސެންބަރު 2024 ގައެވެ.

މަގާމުން އިސްތިއުފާދެއްވުމަށްފަހު މުއާޒް އާންމުކުރެއްވި ސިޓީގައި، ފެނަކަ ހިންގުމުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނި ހިންގަން ބޮޑެތި ދަތިތަކާ ދިމާވި ނަމަވެސް، މަގާމުގައި ހުންނެވި އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ވަނީ ހާސިލްކުރެވިފައެވެ.

ފެނަކަ ސަލާމަތްކުރުމަށްޓަކައި ތައްޔާރުކުރި އިސްލާހީ ޕްލޭންތައް ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި ނަމަވެސް، އެކަމުން އެއްވެސް އަލިމަގެއް ފެނިފައިނުވާކަން މުއާޒް ފާހަގަކުރެއްވިއެވެ. އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ ކުންފުނީގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަންތައް ކުރިއަށް ނުގެންދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީއާއި، އޭނާ މަގާމުގައި ހުރެގެން އިތުރަށް އެކަންކަން ރަނގަޅު ކުރެވޭނެ މަގެއް ނުފެނުމުންނެވެ.

މުއާޒް ފެނަކައިގެ އެމްޑީކަމުން އިސްތިއުފާދެއްވިތާ މާގިނައިރުތަކެއް ނުވަނީސް، ސަރުކާރަށް ތާއީދުކުރާ "އެކްސް" (ކުރީގެ ޓުވިޓާ) އެކައުންޓަކުން ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، މުއާޒް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ސާފުކޮށް ދޮގުކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް