ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ކުރާ އެކި ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއާ ޓިކެޓް ހަމަޖައްސައިދޭނެ ފަރާތްތަކެއް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި މި ޚިދުމަތް ބޭނުންވަނީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
ޓިކެޓް ފޯރުކޮށްދިނުމުގެ މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އޮޅުންފިލުވަން ބޭނުންވާ ކަމެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރަން ޖެހެއެވެ. މިގޮތުން ސުވާލުތައް ފޮނުވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 ފޯނަށް ގުޅައިގެން ނުވަތަ zh_C1337@police.gov.mv އަށް އީމެއިލް ކުރުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.



