މާލޭން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުންދިޔަ "ޖަޒީރާ" ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށް ދިއުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރެވެ. ބޯޓު އަޑިއަށް ދިޔަ ނަމަވެސް، އޭގައި ތިބި ހުރިހާ އެންމެން ސަލާމަތްކޮށް، "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކަށް މިހާރު ވަނީ ނަގާފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ ބޯޓު އަޑިއަށް ދިޔައީ ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން ކަމަށާއި، ބޯޓުން ވަކިވި ބައެއް ތަކެތި މިހާރު އެ ސަރަހައްދުން އިރުމައްޗަށް އޮޔާދަމުންދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން، ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު، އޮޔާދާ ތަކެތިން ސަލާމަތްވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ.




