ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ޕޯސްޓް އޮފީހުން މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް ބާވަތްތައް ތަހުލީލު ކުރިއިރު، އެއީ 3.6 ކިލޯއަށްވުރެ ގިނަ (3،610 ގްރާމް) ސިންތެޓިކް ކެތިނޯން ކަން ކަށަވަރުވެފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތް މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2019 އިން 2023 އާ ހަމައަށް އަތުލައިގަނެވުނު މިންވަރާ އަޅާބަލާއިރު، ފަހަކަށް އައިސް މި ތަކެތި އަތުލައިގަނެވުނު ނިސްބަތް މަތިވެފައިވާ ކަން ކަސްޓަމްސްއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގި ތަފާތު 147 އޮޕަރޭޝަނެއްގައި ޖުމްލަ 324 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މިއާ ހިލާފަށް، 2021 އިން 2023 ގެ ނިޔަލަށް ހިނގި ތިން އަހަރު ދުވަހުގެ ތެރޭގައި 116 މައްސަލައެއްގައި އަތުލައިގަނެވިފައިވަނީ ޖުމްލަ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. މި ބަދަލާއެކު، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.




