ހިސާބު އިލްމު އުނގަންނައިދިނުން ހަރުދަނާކުރުމަކީ ހަމައެކަނި ތައުލީމީ ލަނޑުދަނޑިއެއް ހާސިލްކުރުން ނޫންކަމަށާއި، އެއީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ފުދުންތެރިކަމާއި، ކުރިއެރުމާއި، ތަރައްގީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިންގެ ސަގާފީ ތަރިކަ ހިސާބު އިލްމުގެ ތެރެއަށް ލާމެހިފައިވާ ގޮތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް: އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް، އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް ނެރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކުގެ ތެރެއަށް ހަނިވެފައިވާ އެއްޗެއް ނޫންކަމާއި، ހިސާބީ ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ބީހިލާފައިވާ މުހިންމު ބައެއްކަން މި ފޮތުން ހާމަވާ ކަމަށެވެ. އެގޮތުން، ދިވެހިން ކުރަމުން އައި ކަނޑުމަހުގެ މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ނިޔަމިކަމާއި، ރޯނުވެށުމާއި، ދަނޑުވެރިކަމުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގައި ވެސް ހިސާބީ އުސޫލުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ހިސާބު އިލްމަކީ ސަގާފަތާއި ދިރިއުޅުމުގެ ހަގީގީ ތަޖުރިބާތަކާ ގުޅުވައިގެން އުނގަންނައިދިނުމުން ދަރިވަރުންނަށް އެ މާއްދާގެ މުހިންމުކަން ބޮޑަށް ވިސްނި، ކިޔެވުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ތައުލީމީ ނިޒާމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ހިސާބަށް ދޭ ސަމާލުކަން އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ޖީލުތަކުން ޖީލުތަކަށް ފޯރާފައިވާ މިފަދަ ސަގާފީ އަދި ސަގާފީ އިލްމުތައް ލިޔެ ރައްކާތެރިކުރުމަކީ ގައުމީ ސިފަ ވަރުގަދަކޮށް، ދިރާސާތަކާއި ގައުމީ ތަރައްގީއަށް ލިބޭނެ ބޮޑު ބާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މެދުގައި ހިސާބަށް ހުންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުމަށްޓަކައި ހިސާބުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރިކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝަހީނާ އާދަމް މުސައްނިފުކަން ކުރެއްވި މި ފޮތުގެ ސަބަބުން، މުދައްރިސުންނާއި، ދަރިވަރުން އަދި ދިރާސާކުރާ ފަރާތްތަކަށް ދިވެހި މުޖުތަމައުގައި ހުރި މުއްސަނދި އިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.




