ބޮޑުތަކުރުފާނު މަގަށް ރައީސް ޒިޔާރަތްކުރައްވައި، މަގު ފެހިކުރުމަށް ހާއްސަ އިރުޝާދެއް ދެއްވައިފި!

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަޙައްދަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ނުކުމެވަޑައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމަތިން އަލަށް ހިއްކި ސަރަހައްދަށް ޒިޔާރަތް ކުރެއްވިއިރު އެމަނިކުފާނުގެ އަރިހުގައި ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މި ސަރަހައްދަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު އެންމެ ބޮޑަށް ބާރުއެޅުއްވީ އަލަށް ހިއްކި ބަޔާއި އެ މަގު ހިމެނޭ ސަރަހައްދު ވީހާވެސް ބޮޑަކަށް ފެހިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަގު ހުޅުވާލާއިރު އާންމުންނަށް ބޭނުންކުރެވޭނެ ހިދުމަތްތަކާ ގުޅޭގޮތުން ރައީސް ވަނީ ކަމާބެހޭ ފަރާތްތަކާ ސުވާލު ކުރައްވާފައެވެ. އެގޮތުން މަގުބައްތިތަކާއި، ހިއްކި ސަރަހައްދު މަގާއެކު ހުޅުވާލާނެތޯ ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް އަދި އެމްޓީސީސީގެ ސީއީއޯ ސައުދީ ވިދާޅުވީ، މަގު ހުޅުވާލާއިރު ގާޑެން ލައިޓްތައް ހަރުކޮށް، ޕޭމަންޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. އަދި އާންމުންނަށް ސައިކަލް ޕާކު ކުރެވޭނެ ހާއްސަ ސަރަހައްދެއް ހުޅުވާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ދެ މީޓަރު އުސްމިނުގެ ގަސްތަކެއް އިންދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވުމުން، ރައީސް ވަނީ އެ ތަނުގައި "ތަންކޮޅެއް ބޮޑެތި" ގަސް އިންދުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން ކުރީގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ރަށެއްގެ ގުދުރަތީ ސިފަ ގެނައުމަށްޓަކައި "ބޯށި" އަދި "ކުރެދި" ފަދަ ގަސްތައް އިންދައި، ފޮރިން މިނިސްޓްރީ ކުރިމަތީގައި ހުރި ހުސް ދޭތެރެތަކުގައި އެކި ކަހަލަ މާގަސްތައް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ބީއެމްއެލް ކުރިމަތީ ފަޅުތެރެއިން ލޯންޗުފަހަރަށް ދަތުރުކުރެވޭނެތޯ ރައީސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ލޯންޗު ބާއްވާލައިގެން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފަދަ ޖާގައެއް އެ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ބޭނުންކުރަން ފަށާފައެވެ. މި ބަދަލާއެކު އެ ސަރަހައްދުގެ ދަތުރުފަތުރަށާއި ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިފައިވާއިރު، މަޝްރޫއުގެ ދެން އޮތް ބައި ކަމަށްވާ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް