ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ “ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް” ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމުގެ ދަށުން ލިބުނު މި އެހީއަކީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ. މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކުރައްވާފައެވެ.




