އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލަށް އައި ބަދަލަކުން: ފޮރިން މިނިސްޓްރީ

އިރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބި، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ފަހުވަގުތު އިރާނުގެ ޕްރޮޓޮކޯލަށް އައި ބަދަލަކާ ގުޅިގެން އެ ޖަނާޒާގައި ބައިވެރިވެވޭ ގޮތް ނުވީކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރަސްމީކޮށް އޮތީ އަންގާފައެވެ.

ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އެންގީ، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން، ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާގައި ބައިވެރިވުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން އަވަސްވެގަތެވެ.

އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އިރާން ސަރުކާރުން ވަނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް އިރާނުން ވަނީ ލަފާދީފައެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިރާނުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މީގެ ކުރިން އިރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން ބޭއްވި ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންފައިވާތީ، މިފަހަރުގެ ޖަނާޒާގައި ރާއްޖޭން ބައިވެރިނުވީ ކީއްވެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ފޮރިން މިނިސްޓްރީން މި ބަޔާން ނެރުނީ އާންމުންގެ މި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް