އައިލެންޑް އޭވިއޭޝަނުގެ މުވައްޒަފުންނަށް ހުޅުމާލޭގައި ފްލެޓް އެޅުމަށް އެޗްޑީސީން އެ ކުންފުންޏާ ބިން ހަވާލުކުރަނީ --- ފޮޓޯ/އައިލެންޑް އޭވިއޭޝަން

ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި، އެ ކުންފުންޏާ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފްލެޓް އެޅުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެއެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުންޏާ ހަވާލުވެވަޑައިގެން ހުންނެވި މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިން މިހާރު ވަނީ ރަސްމީކޮށް އެޗްޑީސީން އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުން މީގެ ކުރިން ވެސް ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ 384 އެޕާޓްމަންޓުގެ ދެ ޓަވަރު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ފްލެޓް އަޅައި، ކާމިޔާބުކަމާއެކު ހަވާލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް