ހދ. ނޭކުރެންދޫ ސްކޫލުގެ 4 ކްލާސްރޫމް އިމާރާތުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފި

ހދ. ނޭކުރެންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ސްކޫލުގައި އިމާރާތް ކުރި 4 ކްލާސްރޫމްގެ ހުރިހާ އަމަލީ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ. މީގެ ކުރިން އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑި، ދިގުލައިގެން ގޮސްފައިވާ މި މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެންނެވެ.

ނޭކުރެންދޫ ސްކޫލުގެ އާ ކްލާސްރޫމްތަކުގެ ފިޒިކަލް މަސައްކަތްތައް ނިމުމަކަށް އައިސްފައިވާއިރު، މި ނިންމާލެވުނު އިމާރާތުގެ ސަބަބުން ދަރިވަރުން އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ސްކޫލުގެ ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ހަރުދަނާވެ، ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި މަޝްރޫއުގެ އިތުރުން ވެސް ނޭކުރެންދޫ ސްކޫލުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ރާވާފައެވެ. އެގޮތުން ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ފެންވަރު މަތިކޮށް، ދަރިވަރުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފުރިހަމަކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް