ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އޭގެއިން ލޮއިނަރު (ކޮޕާ ނަރު) ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް، ނަސްރުﷲ ޝަކީލް ހުސައިން (38 އަހަރު) އެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ރިޕޯޓުކުރި މި މައްސަލާގައި އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ވިނަރެސް 9 ވަނަ ޓަވަރުގެ 2 ވަނަ ފްލޯގައެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށް ގޮސް ބެލިއިރު، އެ ފްލޯގައި ހުރި ކަރަންޓު ފޮށިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކަރަންޓު ފޮށިތަކުގެ އާތު ނަރުތައް ބުރިކޮށް، އޭގައި ހުރި ކޮޕާ (ލޮއި) ފޮތިތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މާލޭގައި މިފަދަ ވައްކަމުގެ އެހެން ހާދިސާއެއްވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ހިނގާފައެވެ. އެގޮތުން ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ތަނުން ލޮއިނަރު ރޯލުތަކެއް ވަގަށް ނެގި ދެ މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.




