ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ޔުނިސެފް މޯލްޑިވްސްއިން 28,000 ޑޯޒްގެ މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިނާއި ސިއްހީ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ބޮޑު އެހީއަށްޓަކައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ ވަނީ ޔުނިސެފަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ދަނޑިވަޅާ ބަލާއިރު ލިބުނު މި އެހީގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް މާލޭ ސަރަހައްދުން ފެނުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ބަލި ފެތުރުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންނާ ދިމާވި މީހުން ހޯދައި ދެނެގަތުމާއި ވެކްސިން ނުޖަހާ ތިބި މީހުންނަށް އަމާޒުކޮށްގެން "ރިންގް ވެކްސިނޭޝަން" ކެމްޕޭނެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. ޔުނިސެފުން ލިބުނު މި ވެކްސިންތަކުގެ ސަބަބުން މި ކެމްޕޭންތަކަށް ބޭނުންވާ ވެކްސިންގެ ސްޓޮކް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ބައްޔަކަށް ވުމުން، ހުރިހާ ރައްޔިތުންވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ. ޔުނިސެފަކީ ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީގައި 1978 ވަނަ އަހަރުން ފެށިގެން ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާ މުހިންމު ބައިވެރިއެކެވެ.




