ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވީ، އާސަންދަ ނިޒާމުގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނަ މީހުން ފޮނުވަންޖެހެނީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ނުހެދޭ އުނދަގޫ ޓެސްޓްތައް ހަދަން ކަމަށެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ބަލީގައި ބޭރަށް ފޮނުވުނު މީހުންގެ އަދަދު ވަނީ އަހަރަކުން އަހަރަކަށް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 1,638 މީހުން ބޭރަށް ފޮނުވިއިރު، 2024 ވަނަ އަހަރު އެ އަދަދު 1,996 އަށް ވަނީ މަތައްވެފައެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރު މި އަދަދު ވަނީ 2,000 އަށްވުރެ މައްޗަށް އަރާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މީގެތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި، ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވަންޖެހުނު މީހުންގެ އިތުރުން ކައިރި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.
ކެންސަރުގެ ފަރުވާއަށް ގިނަ ބަޔަކު ބޭރަށް ދިޔަ ނަމަވެސް، ބަލިމީހުންގެ ބޮޑު ބަޔަކު ކީމޯ ތެރަޕީގެ ފަރުވާ ހޯދަމުންދަނީ ރާއްޖޭގައެވެ. ނިމިދިޔަ އަހަރު ކީމޯ ތެރަޕީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަންޖެހުނީ އެންމެ 39 މީހުންނެވެ.
މިހާރު ކީމޯ ތެރަޕީގެ ޚިދުމަތް ޤާއިމުވެފައިވާ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މިކަމަށް ޚާއްސަ 9 އެނދު ހުރިއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނިވެސް މިދިޔަ އަހަރު 755 މީހުން ވަނީ ކީމޯ ތެރަޕީގެ ޚިދުމަތް ހޯދާފައެވެ.
ކެންސަރަކީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފުރާނަ ސަލާމަތްކުރެވޭ ބައްޔަކަށް ވާތީ، ބަލި ދެނެގަތުމުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަކީ މި ސަރުކާރުގެ ބޮޑު އިސްކަމެކެވެ.
އަންހެނުންގެ މެދުގައި އެންމެ އާންމު އުރަމަތީ ކެންސަރު ދެނެގަންނަން ހަދާ މެމޮގްރަފީގެ ޚިދުމަތް މިހާރު މާލޭގެ އިތުރުން ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލެއްގައާއި، ފުވައްމުލަކު ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ޤާއިމުކޮށްފައެވެ. މި ފަސޭހައާއެކު މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބެގެން މި ޚިދުމަތް ހޯދާފައިވާއިރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓްކުރުމުގެ ޚިދުމަތްވެސް ހުރިހާ އަތޮޅެއްގައި ފެށުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ކެންސަރު ބައްޔަށް ދޭ ފަރުވާތަކާއި ދަރިމައިވުމުގެ ޚިދުމަތްތަކާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ ކުރިން މި ހޮސްޕިޓަލުގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާތައް އެ ހޮސްޕިޓަލް މެދުވެރިކޮށް ދެވެން ފެށޭނެއެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް ރާއްޖެއިން 53 ފިރިހެނުންނާއި 67 އަންހެނުންނަށް ކެންސަރު ޖެހިފައިވާކަން ރިޕޯޓްކޮށްފައިވެއެވެ.
"ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރު ވަނީ ކެންސަރު ބަލީގައެވެ."
ކެންސަރު ހޮސްޕިޓަލުގެ މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގައި އަވަށްޓެރި އިންޑިއާގެ އެހީގައި ލ. ގަމުގައި ތަރައްގީކުރަން ނިންމާފައި އޮތް މަސައްކަތެކެވެ. މި ބަލި ޖެހުމުގައި އާއިލީ ގޮތުން ވާރުތަކުރުމުގެ އިތުރުން މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވަރަށް ބޮޑު ދައުރެއް ކުޅެއެވެ.



