އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރު އަޅައި ނިންމާލައިފި- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި (ސެގްމެންޓު 4 އަދި 5) ތާރުއަޅައި މިއަދު ހެނދުނު ވަނީ މުޅިން ނިންމާލާފައެވެ. އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި މި ސަރަޙައްދުގައި ތާރު އަޅަން ފަށާފައިވަނީ ރޭގައެވެ.

ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި މަގު އާންމުކޮށް ހުޅުވާލުމަށް ނިންމާފައިވަނީ ވަކިވަކި ސެގްމެންޓްތަކެއްގެ ގޮތުގައެއް ނޫނެވެ. މުޅި ސަރަޙައްދުގައި އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުގައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ މަގު އިތުރަށް ފުޅާކުރެވޭނެ ގޮތަށެވެ. އަދި މަގު ތަރައްޤީ ކުރަމުންދަނީ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

މީގެކުރިން ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާ ހަމައަށް ތާރުއަޅާފައިވާއިރު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރު އަޅައި ނިންމާލައިފި- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރު އަޅައި ނިންމާލައިފި- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަހަށް ނިންމުމަށް ކުރިން ރޭވިނަމަވެސް، ދިމާވި އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މިހާރު އަންދާޒާކުރަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް