ސަރުކާރުގެ 'މޯލްޑިވްސް 2.0' ތަޞައްވުރުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިންގިލާބީ ބަދަލެއް ގެނައުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަނެންސް" ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިޙްސާން ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކަށް އޭއައި އަކީ ހަމައެކަނި ދެއްކުންތެރިކަމަށް ނުވަތަ ޝަރަފަކަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ރައްޔިތުންނަށް ދިމާވާ ދިރިއުޅުމުގެ އެކި މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު އެއް ވަސީލަތެވެ.
މި ބަދަލުތައް ގެނައުމުގައި މައުލޫމާތުގެ ރައްކާތެރިކަމާއި، ސައިބަރ ސެކިއުރިޓީގެ އިތުރުން ޒިންމާދާރުކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމަށް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭއައިގެ އެހީތެރިކަމާ ނުލައި ޚިދުމަތްތަކުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭއައިގެ ކާމިޔާބީ ބިނާވަނީ ހަމައެކަނި މޮޅެތި ސިސްޓަމްތަކެއް އުފެއްދުމުގެ މައްޗަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އާދައިގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ މައްޗަށް ކަމަށެވެ.
ރާއްޖޭގައި އޭއައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޔުނެސްކޯއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ "އޭއައި ރެޑިނެސް އެސެސްމަންޓް" މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު "މޯލްޑިވްސް އޭއައި ލެބް" (އޭއައި ޑޭޓާ ލެބް) ވެސް ޤާއިމުކޮށްފައިވާ ކަމަށް އިއުލާންކުރެއްވިއެވެ.
އިޙްސާން އިތުރަށް ވިދާޅުވީ، ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި، އޭއައިގެ މުޅި ދާއިރާ ބިނާކުރުމަށް އިންވެސްޓްކުރަން ޖެހޭ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، ހުރިހާ ދާއިރާއެއް ގުޅާލެވިގެން ރައްކާތެރިކަމާއެކު މައުލޫމާތު ހިއްސާކުރެވޭނެ ވަރުގަދަ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.




