އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު ފާއިތުވީ ތިން އަހަރުގެ ތެރޭގައި މަދުކުރެވިފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށާއި، ދައުލަތުގެ ބަޖެޓުންވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތް ގޮތެއްގައި އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވުނު މީހުންގެ އަދަދުން 338 މީހުން މަދުވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ ލުއިފަސޭހަ މަގުތައް ސަރުކާރުން ފަހިކޮށްދިނުމަށް އެޅި ފިޔަވަޅުތަކުގެ ހެދުން ހުރި ނަތީޖާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ ޖުމްލަ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ބޭރަށް ކުރާ ޖުމްލަ ޚަރަދާއި އަދަދުތައް އެދެވޭ މިންވަރަކަށް ދަށްނުކުރެވެނީ ކަމަށްވެސް ގީލާ ބަޔާންކުރެއްވިއެވެ.
އެގޮތުން 2023 އާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ފަރުވާއަށް އެކަނިވެސް 483 މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން 821 މީހުން ބޭރަށް ފޮނުވާފައިވެއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، އާސަންދައިގެ ދަށުން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ހާއްސަ ސުޕަ-ސްޕެޝަލިސްޓް ފަރުވާތަކަށާއި، ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ނާރާއި ކަށީގެ ބަލިތަކަށް ހިދުމަތް ހޯދުމަށެވެ. އަދި ފާއިތުވީ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރަށް އެންމެ ގިނަ މީހުން ފޮނުވަން ޖެހިފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށް ކަމަށްވެސް މިނިސްޓަރު ގީލާ ފާހަގަކުރެއްވިއެވެ.




