ބޮޑުތަކުރުފާނު މަގު

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ވަނީ ފަށާފައެވެ. އެއީ މި މަޝްރޫޢުގެ ސެގްމެންޓު 4 އަދި 5 އެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މީގެ ތެރެއިން ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަހަށް ނިންމުމަށް ކުރިން ރޭވިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު އަންދާޒާކުރެވެނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަކީ މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ މަގު އިތުރަށް ފުޅާކުރެވޭނެ ގޮތަކަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ.

މީގެކުރިން މި މަޝްރޫޢުގެ ދަށުން ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލާ ހަމައަށް ވަނީ ތާރުއަޅާފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް އެއްކޮށް ނިމޭނެއެވެ.

މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތްތައް ނިމުމާއެކު، ދެން އެންމެ އަވަހަށް ފެށިގެންދާނެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

"މަގުގައި މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ނޯތު ހާބަރުން ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްޤީނުކުރެވި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ."— ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް