މިދިޔަ ހަފްތާގައި ހިމަބިހި އިތުރު 55 މީހަކަށް ބަލިޖެހި ރާއްޖެއިން ހިމަ ބިހި ޖެހުނު މީހުންގެ އަދަދު121 އަށް އަރައިފިއެވެ.
މެއި މަހުން ފެށިގެން މިހާތަނަށް ޖުމްލަ 121 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގައިގައި ރަތް ބިހި ނެގުމާއި، ހުންައައުމާއި، ރޯގާ ޖެހި ކެއްސުމުގެ އިތުރުން ލޯ ރަތްވުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިކަން ހޯދަންޖެހެއެވެ.
މި ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުން ވަރަށް މުހިންމެވެ. ޚާއްސަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ކޮންޓެކްޓް ޓްރޭސިންގް ހަދައި، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދެމުންނެވެ. މިގޮތުން މިހާތަނަށް 5،495 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
މީގެ އިތުރުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މި ބައްޔަށް ޚާއްސަކޮށްގެން ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
އެޗްޕީއޭއިން މަޢުލޫމާތު ދޭ ގޮތުގައި މިފަހަރުގެ އައުޓްބްރޭކްގައި ހާލު ބޮޑުވި އެއްވެސް ކޭސްއެއް ނެތެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޮޑު އާބާދީއަކުން ކުރިންވެސް ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައިވުމެވެ.



