އޭއައިގެ ކުރިއެރުން ބިނާވަނީ އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް: އިހްސާން

ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓުގައި ވާހަކަފުޅުދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ޚިދުމަތްތައް ބައްޓަންކުރުމަށް ގެންގުޅޭ ތަޞައްވުރު ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެއްގައި ޚިދުމަތުގެ ފެންވަރު، ވެރިކަންކުރާ ރަށާ ހުރި ދުރުމިނެއްގެ ސަބަބުން ތަފާތުވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން "މޯލްޑިވްސް 2.0" ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށެވެ.

މި ބަދަލުތައް ގެނައުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމާއި، ޒިންމާދާރުކުރަނިވި ނިޒާމެއް ބިނާކުރުމުގެ މައްޗަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އޭއައިއާ ނުލާ ޚިދުމަތްތަކުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

އޭއައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޔުނެސްކޯއާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އޭއައި ޓެކްނޮލޮޖީގެ ދިރާސާތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި "މޯލްޑިވްސް އޭއައި ލެބް" ނުވަތަ އޭއައި ޑޭޓާ ލެބް ވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

ރާއްޖޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، މި ދާއިރާ ކުރިއެރުވުމުގައި ތިން ކަމަކަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ:

1. ދާއިރާ ބިނާކުރުމަށް އިންވެސްޓްކުރުން: ހަމައެކަނި ވަކިވަކި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި، މުޅި އޭއައި ދާއިރާގެ ބިންގާ ވަރުގަދަކުރުމަށް އިންވެސްޓްކުރަންޖެހެއެވެ.

2. އިންސާނީ ވަޞީލަތް ތަރައްޤީކުރުން: ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާއިން މީހުން ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

3. މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުން: ހިންގުމުގެ ނިޒާމުގެ އަސާސަކަށް ވާންޖެހޭނީ ހުރިހާ ދާއިރާއެއް ގުޅޭނެހެން ފަސޭހައިން މަޢުލޫމާތު ހިއްސާކުރެވޭނެ ފަދަ ނިޒާމެއް އެކުލަވާލުމެވެ.

އޭއައި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ޤައުމުތަކުން، އެންމެ ބާރުގަދަ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭނެ ނިޒާމެއްގެ ބަދަލުގައި، އާދައިގެ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އޭއައި ތަރައްޤީކޮށްދިނުމަށް ވަޒީރު ގޮވާލެއްވިއެވެ. ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ވަކާލާތުކުރަނީ އެންމެންގެ ޙައްޤުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭއައިގެ ކުރިއެރުން ބިނާވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށެވެ."— ވަޒީރު ޢަލީ އިޙްސާން

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް