ދުވާރުގައި ޕާކުކުރާ އުޅަނދުތައް ފުލުހުން ޓޯވކުރަން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަން ފަށަައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއްގެ ދުވާރު މަތީގައި އުޅަނދުތައް ޕާކުކުރުން އިތުރުވެ، އާންމުންނަށާއި ހާއްސަކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާތީ، މިފަދަ އުޅަނދުތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. މި ގަވާއިދުން އިސްތިސްނާވަނީ ހަމައެކަނި ކުޑަކުދިންގެ ޕްރޭމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ (އަތުން) ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑިތައް އެކަންޏެވެ.

މީގެ އިތުރުން، ދުވާރުތައް ބްލޮކްވާ ގޮތަށް ސައިކަލާއި ކާރު ފަދަ ތަކެތި ބެހެއްޓުމަކީ އާންމު ދަތުރުފަތުރަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި ދުވަސްވަރަކީ ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ޒޯން ބަދަލުނުކޮށް ހުންނަ އުޅަނދުތައް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ހިނގަމުންދާ ދުވަސްވަރެކެވެ. އެގޮތުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށާއި، ހުރިހާ ދުއްވަުންތެރިންވެސް ގާނޫނަށް ބޯލަނބައި، ކަނޑައެޅިފައިވާ ހާއްސަ ޕާކިންގް ސަރަހައްދުތައް ބޭނުންކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް