ނޮން-ރެޒިޑެންޓް 3 ސަފީރަކު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

ދިވެހިރާއްޖެއިން ބޭރުގެ ހަތަރު ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ތިން ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބޭފުޅުން އައްޔަންކުރުމަށް ފާސްކުރީ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް އައްޔަންކުރަން ފާސްކުރީ ހ. މީނާޒް ހާލާ ހަމީދު އެވެ.

ޗެކް ރިޕަބްލިކްގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރަން ރުހުން ދީފައިވަނީ ގުލްޒާރުގެ، ގދ. ތިނަދޫ އާމިނަތު އަބްދުﷲ ދީދީ އަށެވެ.

ރިޕަބްލިކް އޮފް މޮރިޓޭނިއާ އަދި ކެންޔާގެ ސަފީރުކަމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ހ. އަތިރީގެ އަމީން ޖާވީދު ފައިސަލް އެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މިއަދު ނެގި ރަސްމީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވަނީ މި ތިން ބޭފުޅުންނަށް ވެސް ސަފީރުކަމުގެ މަގާމު ދިނުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ. މިއާއެކު މި ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައުތު އެފްރިކާ، ޗެކް ރިޕަބްލިކް، ރިޕަބްލިކް އޮފް މޮރިޓޭނިއާ އަދި ކެންޔާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް