ބެލްޖިއަމާއި އީޔޫގެ ސަފީރަކަށް ދިޔާނާ އައްޔަން ކުރުމަށް ރުހުން ހޯދަނީ

ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަމުގެ ހުއްދައަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. އެއަށްފަހު، ދިޔާނާއަށް ސަފީރުކަމުގެ ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވައިފައެވެ.

ސަފީރުކަމަށް ނަން ހުށަހަޅުއްވާފައިވާ ފާތިމަތު ދިޔާނާ ސައީދަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައްޔާއި ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބަންޑާރަ ނައިބުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. މީގެއިތުރުން، ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ ސާކް ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަތީ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅަކީ ވެސް ދިޔާނާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް