މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގައި ހަރަކާތްތެރިވާ ޓީމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ސައެއް ބާއްވައިފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
މި ސައިގެ ހަފްލާގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ވަނީ، ފުލުހުންގެ ފަރާތުން ބެހެއްޓެވި މި ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި ބަނދަރު ސަރަހައްދުގެ ދަތުރުފަތުރު ފަސޭހަކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދާއިރާގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް، އަދި ދެވަނަ ބައެއްގެ ގޮތުގައި ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ސަރަހައްދު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އެކި ސަބަބުތަކާ ހުރެ މަޝްރޫއުގެ މުއްދަތަށް ބައެއް ބަދަލުތައް އައިނަމަވެސް، މިހާރު މަސައްކަތްތައް ބާރުގޮތެއްގައި ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ޖުލައި 26 ގެ ނިޔަލަށް މުޅި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެއެވެ.




