ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފިއެވެ. އެ ރަށު ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ބޮޑުމަސް ގޮނޑުދޮށުން ނެގުމަށްފަހު މިހާރު ވަނީ ވަޅުލާފައެވެ.
މި ބޮޑުމަސް ފަރުމަތިން ނަގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެކި މުއައްސަސާތައް ގުޅިގެންނެވެ. އެގޮތުން ހޯރަފުށީ ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން އެ ރަށުގައި ތިބޭ އެމްޓީސީސީ ސައިޓްގެ މުވައްޒަފުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ބޮޑުމަސް އެއްގަމަށް އެރުވުމުގެ މަސައްކަތް ކޮށްފައިވަނީ ދެ ޑިންގީއެއް ބޭނުންކޮށްގެން ކަފުޖަހައިގެންނެވެ. އެއަށްފަހު އެ ރަށުގެ ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު، އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ބޮޑުމަސް ވަނީ ވަޅުލާފައެވެ. ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޮޑުމަސް މޫދުން ނެގި ވަގުތު އެއިން ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔައެވެ.
މަރުވެފައިވާ ބޮޑުމަސް ރާއްޖޭގެ އެކި ރަށްރަށަށް ލެއްގުމުގެ ހާދިސާތައް މީގެ ކުރިން ވެސް އެކި ފަހަރުމަތިން ހިނގާފައިވެއެވެ.



