ޓެކްސް ކޮމިޝަނަރުކަމަށް ދެ ބޭފުޅެއްގެ ނަން ފޮނުވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުހިންމު މަގާމަށް އައްޔަންކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ތަޅުމަށް މިއަދު އިއްވި ސިޓީފުޅުގައިވާ ގޮތުން، އެ މަގާމަށް ހުށަހަޅުއްވާފައިވަނީ ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުއްލާގެ އިތުރުން، މިހާރުގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެ ނަން އިތުރަށް ދިރާސާކުރުމަށްޓަކައި އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ފޮނުއްވި ދެ ނަމުގެ ތެރެއިން އެންމެ ފުރަތަމަ ނަމެއްގެ ގޮތުގައި، ސަރުކާރުން އިސްކަންދޭ ބޭފުޅެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ މުހައްމަދު ހަލީމްގެ ނަމެވެ. ހަލީމަކީ ޔުނިވަރސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި، އެކައުންޓިން އަދި ފައިނޭންސް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ވިލާ އެއާގެ ހެޑް އޮފް ފައިނޭންސްގެ މަގާމު ވެސް ފުރުއްވާފައެވެ.

މަގާމަށް ދެން ހުށަހެޅުއްވި ފާތިމަތު އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. މީރާގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ ނޮވެމްބަރު 2024 ގައެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެގެންދިޔައީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް