މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުން: އެމްޓީސީސީން ޝީޓް ޕައިލް ކުރުން ނިންމާލައިފި!

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ޖެހުމުގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމުމާ އެކު، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތެވެ. އަދި މި މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ޖުލައި މަހުގެ 7 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

މީގެ އިތުރުން، މަޝްރޫއުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ކީ-ވޯލް ނުވަތަ އެއްގަމު ތޮށީގެ އެންމެ ފަހުގެ ކެޕިންގް ކޮންކްރީޓް މަސައްކަތްތައް ވެސް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ މި މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރި ބަނދަރާއި މާރުކޭޓު ސަރަހައްދާ ގުޅިފައިވާ، އެންމެ ބާރުބޮޑު އެއް މަގަށް ވުމުން، މި މަޝްރޫއު ނިމުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށާއި ދަތުރުފަތުރު ކުރާ އުޅަނދުތަކަށް ޓްރެފިކްގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޒަމާނީ ފެންވަރަށް މި ސަރަހައްދު ތަރައްގީވުމުން މުދާ އުފުލުމާއި އާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް އައިސް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރައްޔިތުންނަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިހާރު ކުރިއަށްދާ ޕްލޭނާއެކު މުޅި މަޝްރޫޢު ކުރިއަށް އޮތް ޖުލައި މަހުގެ 26 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާ ހަމައަށް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްދާ ފިޔަވަހީގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ. އަދި މި ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ސަރަޙައްދާ ހަމައަށް އޮތް ބައި ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް